ސައުދީއާއި ރާއްޖެއާއި ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
އަހުމަދު ޝުރާއު
1/12/2025, 1:40:56 PM
--
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކޮންމެ އަހަރުކުވެސް ސޮއިކުރާ މި އެއްބަސްވުމުގައި ސޮއިކުރުން މިއަހަރު ކުރިޔަށް ގެންގޮސްފައިވަނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިހާރު ސައުދީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ސައުދީގެ ހައްޖާއި އުމްރާއާއި ބެހޭ ވުޒާރާގަައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގައި ހިމެނެނީ ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތައް ކަމަށެވެ. މިގޮތުން ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުމާއި މިފަދަ މުހިންމުކަންކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ކުރިން ދެގައުމުގެ ވަޒީރުން ވަނީ ޚާއްސަ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން ވަޒީރު ޝަހީމް ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމާއި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަން ފާހަގަކުރެއްވިއެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޑރ. ތައުފީޤު ރާއްޖެ ވަޑައިގެންނެވުމަށް ދަޢުވަތު އަރުއްވާފައެވެ.