ފޭސް 2 ގައި ގާއިމްކޮށްފައިވާ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލައިފި
އަހުމަދު ޝުރާއު
1/10/2025, 11:21:10 AM
--
ހުޅުމާލެ ފޭސް 2 ގައި ގާއިމްކޮށްފައިވާ 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ސްޓެލްކޯ އިން މި މަސައްކަތް ނިންމާލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ސްޓެލްކޯއިން ވަނީ މިމަސައްކަތް ފެށުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ޚިދުމަތް މާލެގެ 10 ވަރަކަށް ސަރަހައްދުން އެއް ގަޑިއިރަށް މެދުކެނޑިދާނެ ކަން އަންގާފައެވެ. އެގޮތުން ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ވަނީ ބުނެފައި އެވެ. ނަމަވެސް މި މަސައްކަތް ކުރިޔަށް ދިޔަ ވަގުތަކީ މާލެއަށް މޫސުންވެސް ރަނގަޅު ވަގުތަކަށް ވުމާއި އެކު މަސައްކަތް ކުރިޔަށް ދިޔަ ވަގުތު ކަރަންޓުގެ ހިދުމަށް މެދުކެނޑިގެންދިޔައީ މާލޭގެ 2 ސަރަހައްދަކުން އެއްގަޑި އިރަށް ވުރެ ވެސް މަދު ވަގުތު ކޮޅަކަށެވެ.
މިމަސައްކަތް ނިމުމާއި އެކު ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކުންފުނީގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި އަދި މިމަސައްކަތް ކުރިއަށްދިޔަ ވަގުތު ކަރަންޓު ޚިދުމަތް ދިނުމަށް ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަ ޑީމާންޑާއި އެއްވަރަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ދޫރާލާ އެކުންފުނިން ކަރަންޓު ޚިދުމަތް ދިނުމަށް ތައްޔާރުވެއެވެ. އެގޮތުން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކާއި ނެޓްވޯކްގެ މަސައްކަތްތައް އަބަދުވެސް އެކުންނިން ދަނީ ކުރަމުންނެވެ.