މޯލްޑިވިއަންގެ އޭ330 ގެ ފުރަތަމަ ދަތުރު މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ ޗެންޑޫ އަށް!
އަހުމަދު ޝުރާއު
1/7/2025, 8:12:21 AM
--
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓާއި އިއްޔެ އަލަށް ގުޅުނު ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް މިމަހު 21 ވަނަ ދުވަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގެ ވާހަކަފުޅު ދައްކަވަމުން އަމީން ރޭ ވިދާޅުވީ އެއާބަސް އޭ330ގެ 200 މަރުކާގެ ބޯޓްގެ ފުރަތަމަ ޝެޑިއުލް ދަތުރުތައް މި މަހުގެ 21 ގައި ޗައިނާގެ ޗެންޑޫ އަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ މަތިންދާބޯޑު ރާއްޖެ ގެނައި ނަމަވެސް ބޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ވަގުތުކޮޅެއް ނަގާނެކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ދަތުރުތައް ފެށުމަށް ބޯޓުގެ ރަޖިސްޓްރޭޝަންގެ ކަންކަން ހިމެނޭހެން ބައެއް ރަސްމީ މަސައްކަތްތަކެއް އަދި ފުރިހަމަކުރަން ޖެހޭކަމަށެވެ. އަދި އެ ބޯޓު އޮޕަރޭޓްކުރާ ކްރޫންވެސް އެ ބޯޓުގައި ހަދަންޖެހޭ ޓްރެއިނިންތަކާއި ބައެއް އިތުރު ކަންކަން ކުރިޔަށް އޮތް ދުވަސްތަކުގައި ފުރިހަމަ ކުރާނެކަން އަމީން ފާހަގަކުރެއްވި އެވެ.
އިއްޔެ ގެނައި 264 މީހުންގެ ޖާގައިގެ އައު ބޯޓާއި އެކު މޯލްޑިވިއަން އިން ފުރަތަމަ ދަތުރަށް ކުރުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ތިން ސިޓީ ކަމަށްވާ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށެވެ.
މޯލްޑިވިންއަނގެ ހިދުމަތް ފުޅާކުރަން މި އަހަރުގެ އޮކްޓޯބަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ވެސް ގެންނަން ހަމަޖެހިފައިވެ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ ގައުމުތަކަށް ވެސް ދަތުރުތައް ކުރާނެ އެވެ. މޯލްޑިވިއަން އިން ހާމަކުރާ ގޮތުގައި ވައިޑް ބޮޑީ ބޯޓުތަކާއި އެކު ގައުމީ އެއާލައިން މެދުވެރިކޮަށް ރާއްޖެ އަށް އަހަރަކު 60،000 ފަސިންޖަރުން ގެނެވޭނެއެވެ.