އޭ330 އާއި އެކު ގައުމީ އެއާލައިންގެ ދަތުރުތައް ޗައިނާއަށް ފަށައިފި
އަހުމަދު ޝުރާއު
1/22/2025, 7:20:21 AM
--
ގައުމީ އެއާލައިން, މޯލްޑިވިއަންގެ ފްލީޓާއި އަލަށް ގުޅުނު އޭ330 މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓާއި އެކު އެއާލައިންގެ ދަތުރުތައް ޗައިނާއަށް ފަށައިފި އެވެ.
ޗައިނާއަށް މޯލްޑިވިއަންގެ ދަތުރުތައް ރަސްމީކޮށް ފެށީ އިއްޔެ އެވެ. އެގޮތުން ޗައިނާގެ ޗެންގްޑޫއަށް މޯލްޑިވިއަންގެ ފުރަތަމަ ފުރީ ރޭ ރާއްޖެ ގަޑިން ރޭ ދަންވަރު 00:15 ގައި އެވެ. އަދި އެ ޗައިނާގެ ޗެންގްޑޫއަށް ޖެއްސީ ރާއްޖެ ގަޑިން 08:50 ހާއިރު އެވެ.
އެ ބޯޓުގައި ޗައިނާގެ ޗެންގްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ވަނީ ޗައިނާ އަށް ދަތުރުކޮށްފަ އެވެ. އޭގެތެރެއިން 32 މީހުންނަކީ ފަތުރުވެރިންނެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދޭގޮތުގައި މި ދަތުރުތަކާއި އެކު ރާއްޖެއިން ޗައިނާގެ 3 ސިޓީއަކަށް ހަފުތާއަކު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ޗައިނާގެ ޗެންޑޫ ސިޓީ, ޝެންހާއީ އަދި ބެއިޖިންގއެވެ. މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓު މޯލްޑިވިއަންގެ ޚިދުމަތަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސް، ޔޫރަޕަށް ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިނުން އަންނަނީ ތައްޔާރުވަމުންނެވެ.
މި އައު ޚިދުމަތުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، މި ފިޔަވަޅުގެ ސަބަބުން ދިވެހި އިޤްތިޞާދަށްވެސް ފާހަގަކޮށްލެވޭ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް ސަރުކާރުން ބުނެއެވެ.