
--
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރްޔަން ދާދި ފަހުން ވަނީ މުމްބާއީގެ އެންދެރީގައި ހުރި މަތީ ފަންތީގެ ދެ ޕްރޮޕަޓީ ގަނެ އޭނާގެ ރިއަލް އެސްޓޭޓް ޕޯޓްފޯލިއޯ ފުޅާކޮށްފަ އެވެ.

މި އިންވެސްޓްމަންޓު ތަކުން ހާމަވަނީ އޭނާ ފިލްމީ ދާއިރާގައި ހޯދަމުން އަންނަ ކާމިޔާބީއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކާރްތިކް ވަނީ ޕްރޮޑިއުސަރު އާނަންދު ޕަންޑިތުގެ އެހީގައި މުމްބާއީގެ އަންދެރީގައި ދެ ޕްރޮޕަޓީއެއް ގަނެފަ އެވެ. އެއީ ރެސިޑެންޝަލް އެޕާޓްމަންޓަކާއި 2،000 އަކަފޫޓަށް ވުރެ ބޮޑު ކޮމާޝަލް ސްޕޭސްއެކެވެ.
މުމްބާއީގައި ކާރްތިކް ގިނަ ޕްރޮޕަޓީތަކެއް މިހާރުވެސް އެބަހުއްޓެވެ.
އޭގެ ތެރޭގައި ޖުހޫގެ ލަގްޒަރީ ދެ އެޕާޓްމަންޓެއް ހިމެނެ އެވެ. އަދި މީގެތެރެއިން އެއް އެޕާޓްމަންޓް މިހާރު ކުއްޔަށް ދޭ އަގަކީ މަހަކު 4.5 ލައްކަ ރުޕީސްއެވެ.
މީގެ އިތުރުން ސެލެބްރިޓީންގެ މެދުގައި މަގުބޫލު ތަނެއް ކަމަށްވާ ވީރާ ދޭސާއީގައި 2،000 އަކަފޫޓުގެ އޮފީސް ޖާގައެއް ވެސް އޭނާގެ އަތުގައި އެބަހުއްޓެވެ. އަދި ކާރްތިކްގެ މިލްކިއްޔާތުގައި ވާސޯވާގައި އެޕާޓްމެންޓެއް ވެސް ހުރެއެވެ. އަދި އެއީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ދިރިއުޅުނު އަވަށުގައި ހުންނަ އެޕާޓްމަންޓެކެވެ.
2024 ވަނަ އަހަރަކީ ކާތިކްއަށް ވަރަށް ކާމިޔާބު އަހަރެކެވެ. ބޮޑު ދެ ރިލީޒް ކަމަށްވާ "ބޫލް ބުލައްޔާ 3" އަދި "ޗަންދޫ ޗެމްޕިއަން" ގެ ސަބަބުން އޭނާގެ މިލްކިއްޔާތަށް ބޮޑު ކުރިއެރުމެއް ލިބުނެވެ.