
--
އިންޑިއާގެ މަޝްހޫރު ފިލްމު ފްރެންޗައިޒް, އާޝިގީގެ ތިން ވަނަ ބައިގެ ޝޫޓިން ދާދި އަވަހަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ފިލްމްފެއާއިން ރިޕޯޓުކުރާ ގޮތުގައި މި ފިލްމުގެ ޝޫޓިންގ ފެށުމަށްޓަކައި ފިލްމުން ފެނިގެންދާނެ ލީޑް އެކްޓަރާއި އެކްޓްރެސް މިހާރު ވަނީ ކަށަވަރުވެެފައި އެވެ. އެގޮތުން މި ފިލްމުން ފެނިގެންދާނެ ކަމަށް އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ ފިލްމްފެއާއިން ބުނަނީ ކާތިކް އާރްޔަން އާއި ޝަރްވަރީ އެވެ.
ކާތިކް އާއި އެކު މިފިލްމުން ފެނިގެންދާނެ ކަމަށް ކުރިން ރިޕޯޓުކޮށްފައިވަނީ ތްރިޕްޓީ ދިމްރީ އެވެ. ނަމަވެސް ތްރިޕްތީއަށް ފިލްމުގެ ޓެކްނިކަލް ޓީމާއި އެކު އެއްބަސްވުމަށް އާދެވިފައި ނުވާކަން ފިލްމު އުފައްދާ ޕްރޮޑިއުސަރުން ވަނީ ދާދި ފަހުން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ތްރިޕްތީގެ ބަދަލުގައި ޝަރްވަރީ ބަތަލާއަކަށް ހަމަޖައްސާފައިވާކަން އަދި ރަސްމީކޮށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އެކަން ފިލްމުފެއާއަށް ވަނީ ކަށަވަރުކޮށްދީފައި އެވެ.
ބެލެވޭގޮތުގައި ފިލްމުގެ ރަސްމީ އެނައުންސްމެންޓު ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އިއުލާނުކުރާނެ އެވެ.
އާޝިގީ ގެ އެއްވަނަ ބަޔާއި ދެވަނަ ބަޔަކީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެން ދިޔަ އިންޑިއާގެ ދެ ފިލްމެވެ. ވަކީން ޚާއްސަކޮށް ދެވަނަ ބައިގައި ޝްރައްދާ ކަޕޫރު އާއި އަދިއްތިޔާ ރޯއިގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔަ އިރު އެތަރިން ވެސް ދަނީ އައު ރޮމޭންޓިކް ފިލްމެއްގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންނެވެ.