ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
އަހުމަދު ޝުރާއު
1/2/2025, 10:54:53 AM
--
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސްދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މޫސުން ގޯސްވެ ގަދަވަޔާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން ޚާއްސަ ސަމާލުކަމެއް ދޭން އިލްތިމާސްކުރާކަމަށެވެ.
އެގޮތުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެމަރޖެންސީއެއްގައި ގުޅަންވީ ފަރާތްތަކުގެ ނަމްބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެއްޓުމަށާއި ދަތުރުގެ މެނިފެސްޓު އުޅަނދުގެ ވެރިފަރާތަށާއި އުޅަނދު އޮަޕަރޭޓްކުރާ ފަރާތަށް ހިއްސާކުރުމަށާއި މުދާ އުފުޅާ އުޅަނދުތައް ކަނޑައެޅިފައިވާ ވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރަންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާގެ އިރުދެކުނުގަިއ އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދު ތެރޭގައި (ޖަނަވަރީ 1 އިން 5) އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގެ ގަދަވެ އަދި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެއިދާރާއިން އިތުރަށް ބުނީ ގަޑިއަކު 15-25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަަށް ވައި ވެސް ބާރުވާނެ ކަމަށެވެ. އެހެން ކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވެ މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ހުދު ސަމާލުވެސް ނެރެފައި އެވެ.