logoEN
Sto top
މިމަހު ރިލީޒްކުރާ ބޮލީވުޑްގެ ބައެއް ފިލްމުތައް!

މިމަހު ރިލީޒްކުރާ ބޮލީވުޑްގެ ބައެއް ފިލްމުތައް!

ސާރާ އަހުމަދު

logo

1/1/2025, 9:19:35 AM

# ބޮލީވުޑް

--

މި ޖެނުއަރީ މަހަކީ ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް އުފާވެރި މަހެކެވެ. ތަފާތު ޖޯންރާތަކާއި ހިތްގައިމު ސްޓޯރީލައިންތައް ހިމެނޭ އެތަށް ބޮލީވުޑް ފިލްމުތަކެއް މި މަހު ބޮޑު ސްކްރީންނަށް އައުމަށް ވަނީ ތައްޔާރުވެފައި އެވެ.

Wamco

އެގޮތުން މި ބަލާލަނީ މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބައެއް ބޮލީވުޑް ފިލްމުތަކަށެވެ.

1. ފަތޭހް

މި އެކްޝަން ތުރިލާ ފިލްމަކީ އަޖޭ ދަމާ، ޒީ ސްޓޫޑިއޯ، ޝަކްތީ ސަގަރް ޕްރޮޑަކްޝަނެކެވެ. އަދި ސޯނޫ ސޫދުގެ ފުރަތަމަ ޑައިރެކްޝަނެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޯނޫ ސޫދު، ދިބިޔަންދު ބަޓަޗަރިޔާ، ވިޖޭ ރާޒް، ޖެކްލިން ފެނާންޑޭޒް އަދި ނަސީރުއްދީން ޝާހު ހިމެނެ އެވެ. މި ފިލްމުގައި ދައްކުވައިދެނީ ކުރީގެ ސްޕެޝަލް އޮޕަރޭޝަންސް އޮފިސަރެއް ކަމަށްވާ ފަތޭހު ނުރައްކާތެރި ސައިބަރ ކްރައިމް ނެޓްވޯކެއްގެ ޝިކާރައަކަށް ވާ ގޮތެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

Watch on YouTube

2- ސަންތޯޝް

ކްރިމިނަލް ޑްރާމާ "ސަންތޯޝް" ލިޔެ، ޑައިރެކްޓްކުރީ ސަންދިޔާ ސޫރީ އެވެ. މި ގްލޯބަލް ޕްރޮޑަކްޝަންގައި ފްރާންސް، ޖަރުމަނު، އިންޑިއާ އަދި އިނގިރޭސިވިލާތުގެ ފަންނުވެރިން ގުޅިގެން މަސައްކަތް ކުރި އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝަހާނާ ގޯސްވާމީ، ސުނީތާ ރާޖްވާރް އަދި ޕްރަތިބާ އަވަސްތީ ހިމެނެއެވެ. މި ފިލްމުގައި ދައްކުވައިދެނީ އުމުރުން 28 އަހަރުގެ އަންހެނަކު އޭނާގެ ފުލުސް އޮފިސަރެއްގެ ގޮތުގައި ހުރި ފިރިމީހާ މަރުވުމުން އޭނާގެ ވަޒީފާއާ ހަވާލުވާ މަންޒަރެވެ. މި ފިލްމު ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

Watch on YouTube

3. އިމަޖެންސީ

ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް ކޯ-ޕްރޮޑިއުސްކުރާ ބައޮގްރަފިކަލް އެކްޝަން ޑްރާމާ ފިލްމު "އިމަޖެންސީ" އަކީ 1975 ވަނަ އަހަރު ހިނގި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ހަދާ ފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކަންގަނާ ރަނާވަތު، ވިޝާކް ނާޔަރު، އަނޫޕަމް ކޭރް، ޝްރެޔަސް ތަލްޕަޑޭ، ސަތީޝް ކޯޝިކް، މިލިންދު ސޯމަން އަދި މަހީމާ ޗައުދަރީ ހިމެނެ އެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

Watch on YouTube

4. އަޒާދު

އިންޑިއާގެ މިނިވަންކަމުގެ ހަނގުރާމައިގެ ތެރޭގައި ހިނގި ކަންކަމުގެ މައްޗަށް ހަދާފައިވާ މި އިމޯޝަނަލް ތާރީހީ ޑްރާމާ" އަޒާދު" އަކީ ރާޝާ ތަދާނީ އާއި އާމަން ދޭވްގަން އަލަށް ތައާރަފުވާ ފިލްމެވެ. އަބީޝެކް ކަޕޫރުގެ މި ފިލްމުން އަޖޭ ދޭވްގަން އާއި ޑަޔާނާ ޕެންޓީ ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ. ޕްރަގްޔާ ކަޕޫރާއި ރޯނީ ސްކްރޫވާލާ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އިންޑިއާގައި 1920 ގެ އަހަރުތައް ދައްކުވައިދޭ މި ފިލްމުގައި ފެނިގެންދަނީ ގޯވިންދު ނަމަކަށް ކިޔާ ޒުވާން އަސްބަލަހައްޓާ ފިރިހެން ކުއްޖެއެްގެ ލޯބީގެ ވާހަކައެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

Watch on YouTube

5. ސްކައި ފޯސް

"ސްކައި ފޯސް" އަކީ ސަންދީޕް ކެވްލާނީ އާއި އަބީޝެކް އަނިލް ކަޕޫރު ޑައިރެކްޓްކުރާ އަސްކަރީ ފިލްމެކެވެ. މިއީ އެކްޝަން އަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެކަމަށް ބެލެވެއެވެ. މި ފިލްމަކީ ޖިއޯ ސްޓޫޑިއޯގެ ޖޯތީ ދޭޝްޕާންޑޭ އާއި މެޑޮކް ފިލްމްސްގެ ދިނޭޝް ވިޖަން އަދި އަމަރް ކޯޝިކް ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސާރާ އަލީ ޚާން، ނިމްރަތު ކޯރް، ވީރް ޕަހާރިޔާ އަދި އަކްޝޭ ކުމާރު ހިމެނެ އެވެ. މި ފިލްމުން ދައްކުވައިދެނީ ޕާކިސްތާނުގެ ސަރްގޯދާ އެއާބޭސްއަށް އަމާޒުކޮށްދިން ހަމަލާގައި އިންޑިޔާގެ ވައިގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެވެ. މިއީ އިންޑިއާއިން ދިން ފުރަތަމަ އަދި އެންމެ ނުރައްކާތެރި އެއް ވައިގެ ހަމަލާއެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

Watch on YouTube

6. ދޭވާ

ޝާހިދު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ "ދޭވާ" އަކީ ވަރުގަދަ އެކްޝަނާއި ސަސްޕެންސް ދައްކުވައިދޭ ފިލްމެކެވެ.މި ފިލްމަކީ ބޮބީ-ސަންޖޭ އަދި ޑައިރެކްޓަރު ރޮޝާން އެންޑްރޫޒް ހިންދީ ސިނަމާއަށް ތައާރަފުވާ ފިލްމެވެ. މި ފިލްމުން ޝާހިދުގެ އިތުރުން ޕޫޖާ ހެގްޑޭ އަދި ޕަވައިލް ގުލާޓީ ފެނިގެންދާނެއެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ޒީ ސްޓޫޑިއޯ އާއި ރޯއި ކަޕޫރު ފިލްމްސްއިންނެވެ. މި ފިލްމުން ދައްކިުވައިދެނީ ހައި ޕްރޮފައިލް މައްސަލައެއް ބަލަމުން ދަނިކޮށް ސްމާޓް ނަމަވެސް ނުކިޔަމަންތެރި ފުލުހަކަށް ފެންނަ ޚިޔާނާތްތެރިވުމާއި ބޭވަފާތެރިކަމުގެ ހާއްޔެކެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

Watch on YouTube

އެހެންވީމާ މިމަސް ވެގެންމިދަނީ ބޮލީވުޑްގެ ކުޑަވަރެއްގެ އީދަކަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside