އަޙްމަދު ޝަރީފް މިފްކޯގެ ޗެއަރޕަރސަން ކަމުން ވަކިކޮށް އެމްފޯރމްޕީސީގެ ޗެއާޕާސަންއަކަށް އައްޔަނުކޮށްފި
އަހުމަދު ޝުރާއު
12/30/2024, 7:35:15 AM
--
މިފްކޯގެ ޗެއާޕަސަންގެ މަގާމުގައި ހުންނެވީ އަލްފާޟިލް އަޙްމަދު ޝަރީފް އެމަގާމުން ވަކިކޮށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑުގެ ޗެއާޕާސަން ކަމަށް އައްޔަނުކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންުފުނިތަކުގެ ބެލެނެވެރި ފަރާތްތަކަށްވާ ޕީސީބީއިން މިއަދު ބުނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމުގައި ހުންނެވި ގދ.ތިނަދޫ، ސޯމާ، އަލްފާޟިލް އަޙްމަދު ޝަރީފް 30 ޑިސެމްބަރ 2024 ވަނަ ދުވަހު އެ މަޤާމުން ވަކިކޮށް، ހަމަ އެދުވަހު އެމްފޯރމްޕީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމަށް ޢައްޔަނުކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް ގެ ނަމުގައި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް އުފެއްދެވީ، ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ.
މި ކުންފުނި އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުމަކީ ވެސް މި ކުންފުނި އުފެއްދި ސަބަބެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.