ތަފާތުބޮޑު ނަތީޖާއަކުން ޚައިރު ސްޕޯޓްސް އެކަޑަމީ ބަލިކޮށް އެންޖީސީ އިން އުންމީދު އައުކޮށްފި
ހަސަން ޝަމްއޫން
12/29/2024, 5:38:38 PM
އެންޖީއެސް އާއި ޚައިރު ސްޕޯޓްސް އެކަޑަމީ ވާދަކުރި މެޗުގެ ތެރެއިން..
ފ.ނިލަންދޫގައި މިހާރު ކުރިއަށްދާ ރަށްވެހި ޗެލެންޖު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ޖެރޭޝަން ކުލަބު (އެންޖީސީ) އާއި ޚައިރު ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ) ކުޅުނު މެޗު ފަސޭހަކަމާއެކު 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެންޖީސީ އިން މުބާރާތުގެ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
މުބާރާތުގައި އެންޖީސީ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އަތުން 5-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޚައިރު ސްޕޯޓްސް އެކަޑަމީގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ސްޕޯޓްސް ކުލަބު ފަހުލަވާން (އެސްސީއެފް) އަތުން އެޓީމު ބަލިވީ 9-2 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އެންޖީސީ އިން މެޗު ޑޮމިނޭޓްކުރި އިތުރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން އެންޖީސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް އެންޖީސީ އިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ
އެގޮތުން މިމެޗުގައި އެންޖީސީގެ މުހައްމަދު ސައްމާހު ސޮލާހް، އާލާފް އަހުމަދު އަދި އަހުމަދު ވިޖުދާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަބްދުލް ޖަލީލް އަބްދުއް ރަހުމާން، ރަޒާން އިބްރާހިމް އަދި ވަދީއު މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެންޖީސީ މިވަގުތު އޮތީ ލީގުބުރުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޚައިރު ސްޕޯޓްސް އެކަޑަމީ ކުޅުނު ދެމެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ފުލުގައެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާފެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތަކީ ފ.އަތޮޅު ނިލަންދޫ ރަށްވެހި ގުރޫޕުން އިންތިޒާމުކޮށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނިލަންދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިިނަލަށް ހޮވޭގޮތަށެވެ.
މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ނިލަންދޫ ދާއިރާގެ މަޖްލީސް މެންބަރު ފާތުމަތު ސައުދާ އެވެ.އަދި މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.