logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު އެސްސީއެފް ބަލިކޮށް ޗެންޕިއަން އެސްޖީސީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު އެސްސީއެފް ބަލިކޮށް ޗެންޕިއަން އެސްޖީސީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

12/28/2024, 3:53:23 PM

# ދިވެހި ކުޅިވަރު # ރަށްވެހި ޗެލެންޖު 2024

އެސްސީއެފް އާއި އެސްޖީސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް

ފ.ނިލަންދޫގައި މިހާރު ކުރިއަށްދާ ރަށްވެހި ޗެލެންޖު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެފަހުގެ ޗެންޕިއަން ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އާއި ސްޕޯޓްސް ކުލަބު ފަހުލަވާން (އެސްސީއެފް) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި އެސްޖީސީ އިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގައި އެސްޖީސީ ކުޅުނު ފުރަތަމަ މެޗުގައި 5-1 ގެ ނަތީޖާއަކުން ނިއު ޖެނަރޭޝަން ކުލަބު އަތުން މޮޅުވެފައިވާއިރު، އެސްސީއެފް ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 9-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ޚައިރާ ސްޕޯޓްސް އެކަޑަމީ ބަލިކޮށްފައެވެ. އަދި މިދެޓީމު މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ވާދަކުރި މެޗު ކާމިޔާބުކުރީ އެސްޖީސީ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަގައި ކުރިހޯދީ އެސްސީއެފް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން އެސްޖީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެސްސީއެފް އެޓޭކުތައް ފެނިގެންދިޔައީ ތަންކޮޅެއް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، އެސްޖީސީ އިން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެސްޖީސީގެ ލުހާމް އަބްދުއް ލަތީފް ދެލަނޑު ކާމިޔާބުކުރިއިރު، ހަމްޒާ މުހައްމަދު އަދި ހަސަން ނަޒީމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އެސްސީއެފްގެ ނާއިޒް ހަސަން (ދާދު) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޖީސީގެ ލުހާމް އަބްދުއް ލަތީފް އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން އެސްޖީސީއަށް ހަ ޕޮއިން ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގުބުރުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްސީއެފް ކުޅުނު ދެމެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ބުރުގެ ދެވަނައިގައެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާފެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތަކީ ފ.އަތޮޅު ނިލަންދޫ ރަށްވެހި ގުރޫޕުން އިންތިޒާމުކޮށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނިލަންދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ނިލަންދޫ ދާއިރާގެ މަޖްލީސް މެންބަރު ފާތުމަތު ސައުދާ އެވެ.އަދި މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside