ނާއިޒްގެ ހެޓްރިކާއެކު އެސްސީއެފް އިން ޚައިރު ސްޕޯޓްސް އެކަޑަމީ ކޮޅަށް 9 ލަނޑުޖަހައިފި
ހަސަން ޝަމްއޫން
12/27/2024, 5:17:50 PM
އެސްސީއެފް އާއި ޚައިރު ސްޕޯޓްސް އެކަޑަމީ ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: ހަވޭލި ސްޓޫޑިއޯ
ފ.ނިލަންދޫގައި މިހާރު ކުރިއަށްދާ ރަށްވެހި ޗެލެންޖު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޚައިރު ސްޕޯޓްސް އެކަޑަމީ އާއި ސްޕޯޓްސް ކުލަބު ފަހުލަވާން (އެސްސީއެފް) ވާދަކުރި މެޗު ފަސޭހަކަމާއެކު 9-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްސީއެފް އިން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެސްސީއެފް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން އެސްސީއެފް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެސްސީއެފް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށް އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޚައިރު ސްޕޯޓްސް އެކަޑަމީއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.
އެގޮތުން މިމެޗުގައި އެސްސީއެފްގެ ނާއިޒް ހަސަން (ދާދު) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކްހެދިއިރު، އެޓީމުގެ އާދިލް އަލީ އާއި އިއާޒް އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ކެޕްޓަން އަހުމަދު ނަބީލް އާއި އަހުމަދު ޒައިދު މުހައްމަދު ނައީމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޚައިރު ސްޕޯޓްސް އެކަޑަމީގެ މަހުމޫދު ސިޔާމް އަދި ސާއިން އަލީ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްސީއެފްގެ ނާއިޒް ހަސަން (ދާދު) އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާފެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތަކީ ފ.އަތޮޅު ނިލަންދޫ ރަށްވެހި ގުރޫޕުން އިންތިޒާމުކޮށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނިލަންދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މުބާރާތުގައި ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެންމެޗުކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިިނަލަށް ހޮވޭގޮތުގައެ.
މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ނިލަންދޫ ދާއިރާގެ މަޖްލީސް މެންބަރު ފާތުމަތު ސައުދާ އެވެ.އަދި މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.