އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއު ކާމިޔާބުކަމާއި އެކު ނިންމާލައިފި
އަހުމަދު ޝުރާއު
12/24/2024, 6:42:46 AM
--
ރާއްޖޭގެ ހުރިހާ އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމަށް ހިންގުން ޤައުމީ މަޝްރޫޢު 2024 ކާމިޔާބު ކަމާއި އެކު ނިންމާ ސެޓްފިކެޓް ދީފި އެވެ.
އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން، އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިންޓެންސިވް ޓްރެއިނިން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ފަހު މަރުހަލާ ކުރިޔަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގައި އެވެ. އެގޮތުން މި ޕްރޮގްރާމް އެއްކޮށް ނިންމައި ފަހު މަރުހަލާގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައި އެވެ. މި ހަފްލާގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީދު އަލީ ސައީދު އެވެ.
މި ޕްރޮގްރާމުގައި ޖުމްލަ ނުވަ މޮޑިއުލެއް ބައިވެރީންނަށް އުނގަންނައި ދެވިފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މަގްސަދަކީ:
- އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީނެއް ދިނުން
- މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުން
- ގުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި ފިގުހާއި ޙަދީޘާއި އަގީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައި ދިނުން.
- މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހްސިއްޔަތު ބިނާކުރުން.
މިގޮތުން މާއްދާތައް ކިޔަވައިދިނުމުގައި މިކަންކަން ހާސިލްވާނެގޮތުގެ މަތިން ކޯހުގެ މާއްދާތައް ފަރުމާ ކުރެވިފައިވެއެވެ. ކޯހުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ހިމެނެނީ:
1. އަގީދާއާއި އިސްލާމީ އަޚްލާޤު (العقيدة والأخلاق الإسلامية)
2. ތަޖުވީދު: ތިއޮރީ އަދި ޕްރެކްޓިސް (التجويد: النظرية والتطبيق)
3. މުޖުތަމައު ބިނާކުރުމުގައި މިސްކިތުގެ ދައުރު (دور المسجد في بناء المجتمع)
4. އަޅުކަމުގެ ފިގުހު: ޙުކުމްތަކާއި އަސާސުތައް (فقه العبادات: الأحكام والمبادئ)
5. ކީރިތި ގުރުއާނުގެ ތަފްސީރާއި ޤުރްއާނަށް ތަދައްބުރުކުރުން (تفسير القرآن وتدبره)
6. ގުރްއާނިކް އަރަބިކް (تعلم اللغة العربية من القرآن)
7. ޙަދީޘާއި އިސްލާމީ ޘަޤާފަތް (الحديث والثقافة الإسلامية)
8. ޢުލޫމުލް ގުރްއާނަށް މަގެއް (مدخل إلى علوم القرآن)
9. ދައުވާގެ އުސުތަކާއި ޚިޠާބާ (أصول الدعوة والخطابة)
މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމް ފެށުނީ 2024 ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު، ގއ. ގެމަނަފުށިގައެވެ. އެއަށް ފަހު، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއާއި މާލޭ ސިޓީގައި ވަނީ ވަރަށް ކާމިޔާބު ޕްރޮގުރާމެއް ހިންގިފައެވެ.
އުތުރާއި ދެކުނުން އަދި މެދުރާއްޖޭތެރޭގެ ހުރިހައި ރަށަކަށް މިޕްރޮގުރާމް ވަނީ ހިންގާފައެވެ. މިހާތަނަށް 818 ބައިވެރިން މި ޕްރޮގްރާމް ފުރިހަމަ ކުރައްވާފައިއެވެ.
މިޕްރޮގްރާމް ފިޒިކަލްކޮންނާއި އޮންލައިންކޮށް ބޭއްވުނެވެ. މިޕްރޮގުރާމު ކާމިޔާބު ޕްރޮގުރާމަކަށް ހެދުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި އެކިއެކި ސެޝަންތައް ހިނގާ ނުހިގާގޮތް ގާތުން ބައްލަވާލެއްވުމަށް މޮސްކް ސެކްޝަން ގެ މުވައްޒަފުން ޒިޔާރަތްކުރުން ވެގެންދިޔައީ އިމާމުން އަދި ކައުންސިލަށް ސިހުން ގެނުވިކަމެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މިޕްރޮގުރާމް ކާމިޔާބު ޕްރޮގުރާމަކަށް ވެގެން ދިޔައީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި އިމާމުންނައި ޚަތީބުން މިޕްރޮގުރާމަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެވުމުގެ ސަބަބުންކަން ފާހަގަކޮށް، އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކުގެ ވެރިންނަށާއި އިމާމުންނާއި ޚަތީބުންނަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ވަނީ ޝުކުރުއަދާކުރައްވާފައި އެވެ.
އިމާމުންގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ފުރުޞަތުތައް ފަހިކޮށް ދެއްވުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މުހިންމުކަންދޭ ކަމެކެވެ. 2024 ވަނަ އަހަރު ރާއްޖޭގެ އެންމެހައި އިމާމުން ތާޒަކޮށް ނިމިފައިވާއިރު 100 އަށް ވުރެ ގިނަ ތަމްރީނު ފުރުޞަތު ރާއްޖެއިން ބޭރުން އިމާމުންނަށް ހޯދައި ދެވިފައިވެއެވެ. މީގެ އިތުރުން މިސްކިތްތަކަށް 2 އިމާމުން ލުން ފެށުމާއި އިމާމުންގެ މަހާސިންތާ އެއް ބާއްވަން ފެށުމާއި އިމާމުންނަށް ޢަރަބި ބަސް ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ހިންގުނެވެ.