މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ
އަހުމަދު ޝުރާއު
12/12/2024, 7:33:00 AM
--
ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
ވުޒާރާގެ އިޢުލާނުގައި ބުނެފައިވަނީ ހިފްޒުކޮށް، މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހް ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުންގެ ފޯމު ފުރިހަމަކޮށް ލިޔުންތަކާ އެކު އަންނަ މަހު 20 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ.
ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
މާލޭގެ މިސްކިތްތަކުގައި ތަރާވީހް ކުރަން ފޯމު ހުށަހަޅަން ޖެހޭނީ ވުޒާރާގެ ކައުންޓަރަށެވެ. އަދި ރަށްރަށުގައި ނަމަ ފޯމު ހުށަހަޅަން ޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.
ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކަށް ހުށަހަޅާ ފޯމުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ވުޒާރާއަށް ހުށަހަޅަން ޖެހޭނެ އެވެ.
ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާތަކުންނާއި މިނިސްޓްރީގެ ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ.
ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާ ކޮންމެ ރެޔަކަށް 500ރ. އެވެ. ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ ގިނަވެގެން ކޮންމެ މިސްކިތަކަށް ދެ ދިވެހި ޙާފިޡުންނަށެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަން އިއުލާންކޮށްފަ އެވެ. އެ ދެ މަރުކަޒުގައި ތަރާވީހް ނަމާދު ކުރުމަށް ވެސް ފައިސާ ދޫކުރެވޭނީ ދެ ދިވެހި ހާފިޒުންނަށް ނަމަވެސް، ކޮންމެ ރެޔަކަށް 700ރ. ގެ އެލަވަންސެއް ހާފިޒުންނަށް ލިބިގެންދާނެއެވެ.