ގޯތި ތަހުގީގާއި ގުޅޭގޮތުން ފުލުހުންނާއި އެޗްޑީސީގެ އައު އެމްޑީ މަޝްވަރާކޮށްފި
އަހުމަދު ޝުރާއު
12/23/2024, 5:23:38 PM
--
އެޗްޑީސީގެ އައު މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި އެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ އެވްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލުވުމަކީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގަތުމަށްފަހު ތައާރަފު ވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެެއް ކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހިނގަމުންދާ ތަހުގީގާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
އެޗްޑީސީގެ އެމްޑީއަކަށް މައުރޫފް އައްޔަނުކުރީ އިއްޔެ އެވެ. އެގޮތުން މައުރޫފް އެމަގާމަށް އައްޔަނުކޮށްފައިވަނީ އެކުންުފުނީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދަނިކޮށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ބިންވެރިޔާ ސްކީމުން ގޯތީ ނުލިބޭ ބަޔަކާށް އެޗްޑީސީން ގޯތި ދިން މައްސަލައެއް ފެންމަތިވެ ފުލުހުން އަންނަނީ މިހާރު އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އެ ތަހުގީގު ތެރެއިން ކުރީގެ އެމްޑީ ފަޒުލް އާއި އެކުންފުނީގެ ބޯޑުގެ ބައެއް މެމްބަރުންގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފައި އެވެ.