އެޗްޑީސީގެ އޮފީހެއް ފަޅާލައި ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި: ތުހުމަތުކުރެވޭ މީހާ ހައްޔަރުގައި!
އަހުމަދު ޝުރާއު
12/23/2024, 5:14:52 PM
--
ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން,, އެޗްޑީސީގެ އޮފީހަކުން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުންގެ ތަރުޖަަމާނު އޭސީޕީ އަހުމަދު ޝިފާން މިރޭ ވިދާޅުވީ އެޗްޑީސީއިން 5 ލެޕްޓޮޕް ވަގަށް ނެގި މައްސަލަ ފުލުހުންނަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅީ އެޗްޑީސީން ކަމަށާއި ވައްކަން ކޮށްފައިވަނީ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓު އޮފީހުން ކަމަށެވެ.
އަދި މި މައްސަލަ އާއި ގުޅިގެން ތުހުމަތު ކުރެވޭ މީހާ ހުރިހާ މަސްތުވާތަކެތީގެ މައްސަަލައެއްގައި ފުލުހުންގެ ހައްޔަރުގައި ކަމަށާއި އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ ލެޕްޓޮޕްތައް ހޯދުމަށް އޭނާ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށްވެސް ޝިފާން ވިދާޅުވިއެވެ. ނަމަވެސް އަދި މިހާތަނަށް ލެޕްޓޮޕްތައް ފެނިފައިވާ ނުވާކަން ޝިފާން ފާހަގަކުރެއްވި އެވެ.
އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވި އިރު، "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުންނާއި އޭސީސީ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން ގިނަ ބައެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
އަދި ކުންފުނީގެ ބައެއް މުވައްޒަފުންވެސް ވަނީ ވަކިކޮށްފައި އެވެ.