--
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
ޕީސީބީއިން މިއަދު ބުނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް މ. ދޫރެސް އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
މައުރޫފް ޖަމީލް އަކީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓަރު ކަން ކުރެއްވި ކުޅަދާނެ އާޓިޓެކްޓެކެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި އާބާދު ކުރުމަށްޓަކައި އެތަން ތަރައްޤީކުރުމުގެ މަސައްކަތުގައި މައުރޫފް ވަނީ އިސްކޮށް ހަރަކާތްތެރިވެފައި އެވެ. އަދި އެޗްޑީސީ އުފެއްދި ދުވަސްވަރު އެކުންފުނީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ ވެސް މައުރޫފް އެވެ.
މީގެ އިތުރުން މައުރޫފް އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ކަމަށާއި ހެލްތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓޮލްސް މިނިސްޓްރީ އާއި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އަބްދުﷲ ޖަމީލް ގެ ދަރިކަލުންނެވެ.
މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ ހުޅުމާލޭން ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ފަޒުލްގެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ.