އެޗްޑީސީން ބަޔަކަށް ބިމެއް ނުދޭ, ދައުރުވަމުންދާ ލިޔެކިޔުންތަކަކީ ވެރިފިކޭޝަނަށް އެޗްޑީސީން އެދުނު ލިޔުންތަކެއް - އެޗްޑީސީ
އަހުމަދު ޝުރާއު
12/18/2024, 3:55:52 PM
--
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލް އެޗްޑީސީން ހާމަކޮށްފި އެވެ.
އެޗްޑީސީގެ ފަރާތުން މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިނުމުގެ ބާރު އެޗްޑީސީގައި ނޯންނާނެ ކަމަށާއި ދައުރުވަމުންދާ ލިޔެކިޔުންތަކަކީ އެޗްޑީސީގެ ޕޯޓަލްއަށް އެދުނު ރިކުއެސްޓްތަކެއްގެ ވެރިފިކޭޝަނަށް ޕޯޓަލްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެކުންފުނިން ހައުސިންގ މިނިސްޓްރީއާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތަކެއް ކަމަށެވެ.
އެގޮތުން ޕޯޓަލްގައި އެދިފައިވަނީ ބައުންޑްރީ ވޯލް ޕާމިޓަށް ކަމަށާއި ވެރިފިކޭޝަނަށް މިނިސްޓްރީގައި އެދުނީ ދެފަރާތަކުން އެއް ޕްލޮޓަކަށް ރިކުއެސްޓު ކުރުމާއި ގުޅިގެން އެކަމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ. ފޒުލް އިތުރަށް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ފަށާފައިވާއިރު، އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން މުއައްސަސާތަކަށް ލިބޭނެކަމަށެވެ.
" އެޗްޑީސީން ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް" ފަޒުލް ވިދާޅުވިއެވެ. ގޯތިތައް ހަވާލުކުރުމުގައި އަމިއްލަ މަސްލަހަތު ގެންގުޅުއްވިކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ މަންފާއަށް ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ސިފަކުރައްވައި ފަޒުލް ވިދާޅުވީ ޖަވާބުދާރީ ނުވެވޭފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަށްވަޑައިގެންނެވީ ވެސް އެސަބަބާއި ހެދި ކަމަށެވެ.