އެޗްޑީސީގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 20:30 ގައި!
އަހުމަދު ޝުރާއު
12/18/2024, 2:24:03 PM
--
އެޗްޑީސީން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެކުންފުނިން މިރޭ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ފުލުހުން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި އެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީ އިން ގޯތިތަކެއް ދީފައިވާ ކަމަށް ވެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ފުލުހުންގެ ޓީމަކުން މިހާރު ދަނީ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް އެޗްޑީސީގެ މައި އޮފީހުގައި ހަރަކާތްތެރިވަމުންނެވެ.
އެޗްޑީސީން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކުންފުނިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 20:30 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ނޫސްވެރިންގެ ބައެްދަލުވުން ދައުލަތުގެ މީޑިއާ, ޕީއެސްއެމްއިން ލައިވް ކުރާނެކަންވެސް ވަނީ ހާމަކޮށްފައެވެ. ބެލެވޭ ގޮތުގައި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ މި ކަމާއި ގުޅިގެން އެކުންފުނީގެ އިސްވެރިން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީ އިން ގޯތިތަކެއް ދީފައިވާ މައްސަލައެއް މިއަދު ފެންމަތިވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި އެދުނު ލިޔެކިޔުންތަކެއް މިއަދު މީސް މީޑިއާގައި އާންމުވުމާއި އެކުގައި އެވެ. އެގޮތުން އެސިޓީގެ ޖަވާބުގައި ހައުސިންގ މިނިސްޓްރީން ވަނީ އެއީ އެ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ނޫން ކަމަށް އަންގާފައިއެވެ. ހައުސިންގ މިނިސްޓްރީގެ ސިޓީވެސް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައި އެވެ.