އަމިއްލަ ދަނޑުގައި ބުރެންޓްފޯޑް އަތުން މޮޅުވެ ޗެލްސީ އިން ލިވަޕޫލްއާއި ދެޕޮއިންޓަށް ކައިރިކޮށްފި
ހަސަން ޝަމްއޫން
12/16/2024, 2:27:48 AM
ޗެލްސީ އާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން...
އިގިރޭސޮ ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށް ޗެލްސީ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާއި ދެމެދުގައި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 4-3 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން މޮޅުވެފައިވާއިރު، ބްރެންޓްފޯޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-2 ގެ ނަތީޖާއަކުން ނިއުކާސަލް ބަލިކޮށްފައެވެ. އަދި މިއީ 2021 ވަނަ އަހަރުގެ ފަހުން މިދެޓީމު ހަ މެޗުގެ ތެރެއިން ޗެލްސީ މޮޅުވި ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކް ކުކުރެއްލާ އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ނޫނޯ މަޑުއެކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ޗެލްސީ އިން ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ނިކޮލަސް ޖެކްސަންއެވެ. މިއީ އެޓީމުގެ ކެޕްޓަން އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބްރެންޓްފޯޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބްރަޔަން އެބިއުމޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން ޗެލްސީއަށް 34 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރެންޓްފޯޑް ކުޅުނު 16 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.