ޑިއާލޯ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު، ފަހަތުންއަރައި ޔުނައިޓެޑުން ސިޓީ ބަލިކޮށްފި
ހަސަން ޝަމްއޫން
12/15/2024, 7:03:20 PM
ޑިއާލޯ ފަހުވަގުތު ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗުގައި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ނޮޓިންގްހަމް ފޮރެސްޓް އަތުން 3-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީ މެންޗެސްޓާ ސިޓީ އެވެ.
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ މެޗު ޑޮމިނޭޓްކުރީ މެންޗެސްޓާ ސިޓީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ގްވާޑިއޯލް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް އެވެ.
މެންޗެސްޓާ ޔުނައިޓެޑް މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އަމަޑް ޑިއާލޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ލިއަންޑްރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 22 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ 13 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ ކުޅުނު 16 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލު ފަސްވަނައިގައެވެ.