ހައުސްފުލްގެ ޝޫޓިންގ ގެ ތެރެއިން އަކްޝޭގެ ލޮލަށް އަނިޔާވެއްޖެ
ސާރާ އަހުމަދު
12/13/2024, 4:00:00 AM
--
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު މިހާރު އަންނަނީ އޭނާގެ އެންމެ ކާމިޔާބު ފިލްމު ސީރީސް ކަމަށްވާ "ހައުސްފުލް 5" ޝޫޓްކުރަމުންނެވެ.
އިންޑިޔާގެ ނުސްތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައުސްފުލްގެ ޝޫޓިންގ ގެ ތެރެއިން ސްޓަންޓެއް ހަދަމުން ދަނިކޮށް އަކްޝޭގެ ލޮލަށް ވަނީ އަނިޔާވެފަ އެވެ. އަދި ލޮލުގެ ހާއްސަ ޑޮކްޓަރަކު ވަގުތުން ސެޓަށް ގެނެސްފައިވާއިރު ޑޮކްޓަރު އަކްޝޭގެ ލޯ ބެންޑޭޖްކޮށް އަރާމުކުރަން ލަފާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި ފިލްމުގެ އެހެން އެކްޓަރުންނާ އެކު ޝޫޓިން މިހާރު ކުރިއަށްގެންދަން ފަށާފައިވާއިރު ރިޕޯޓުތައް ބުނާގޮތުން އަނިޔާއާ އެކު ވެސް އަކްޝޭ ހުރީ ވަރަށް އަވަހަށް ޝޫޓިންއާ ގުޅެން އަޒުމް ކަނޑައަޅައިގެންނެވެ. އެއީ މިހާރު އެ ފިލްމު އޮތީ ޝޫޓިންގެ އެންމެ ފަހު މަރުހަލާގައި ކަމަށްވުމުން އޭނާގެ ސަބަބުން ފިލްމަށް އިތުރު ލަސްކަމެއް އަންނަން ބޭނުންނުވާތީކަމަށްވެއެވެ.
އަދި ސަޕޯޓަރުންގެ ކިބައިން އަކްޝޭވަނީ ކަންބޮޑުނުވުމަށް އެދިފައިއެވެ.
"ހައުސްފުލް 5" ގެ ޝޫޓިން ފެށީ މި އަހަރުގެ ކުރީކޮޅު ޔޫރަޕްގައި އެވެ. ފިލްމުގެ ޝޫޓިން ގާތްގަނޑަކަށް 40 ދުވަސް ވަންދެން ކްރޫޒް ލައިނާއެއްގައި ކުރިއަށް ގެންދިޔަ އިރު، މިހާރު ފިލްމުގެ ކާސްޓުންނާއި ކްރޫއިން އަންނަނީ މުމްބާއީގައި ޝޫޓިން ކުރިޔަށް ގެންދަމުންނެވެ.
ފިލްމުގައި އަކްޝޭގެ އިތުރުން އަބީޝެކް ބައްޗަން، ރިތޭޝް ދޭޝްމުކް، ޖެކްލިން ފެނާންޑޭޒް، ޝްރެޔަސް ތަލްޕަޑޭ، ނަރްގިސް ފަޚްރީ ފަދަ ތަރިން ހިމެނޭއިރު "ހައުސްފުލް" ފްރެންޗައިޒަށް އަލަށް އިތުރުވި ތަރިންގެ ތެރޭގައި ފަރުދީން ޚާން، ޑިނޯ މޮރިއާ، ޖޯނީ ލެވެލް، ސަންޖޭ ދަތު، ނާނާ ޕަޓޭކަރް، ސޯނަމް ބަޖްވާ، ޗިތުރަންގްދާ ސިންގް އަދި ސައުންދަރީ ޝަރުމާ ހިމެނެ އެވެ.
ތަރޫން މަންސުޚާނީ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 6، 2025 ގަ އެވެ.