17 އަހަރުންދަށް ފިރިހެން: ވާދަވެރި ކުޅުމަކަށްފަހު އަމީނިއްޔާ ބަލިކޮށް ފައިނަލްގެ ފަހު ޖާގަ އަހުމަދިއްޔާއަށް
ހަސަން ޝަމްއޫން
12/12/2024, 4:33:43 PM
އަމީނިއްޔާ ސްކޫލާއި އަހުމަދިއްޔާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
މިހާރު ކުރިއަށްދާ 7ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުންދަށުގެ ފިރިހެން ސެމީ ފައިނަލް ދެވަނަ މެޗުގައި އަމީނިއްޔާ ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 22-21 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ފަހު ޖާގަ އަހުމަދިއްޔާ ސްކޫލުން ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުން އަހުމަދިއްޔާ ޖާގަ ހޯދީ ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި 22-3 ގެ ތަފާތުބޮޑު ނަތީޖާއަކުން ދަރުމަވަންތަ ސްކޫލް ބަލިކުރުމަށްފަހު އެވެ. އަދި އަމީނިއްޔާ ސްކޫލް ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި 18-23 ގެ ނަތީޖާއަކުން އިސްކަންދަރު ސްކޫލް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 8-8 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އަހުމަދިއްޔާ ސްކޫލުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އަމީނިއްޔާ ސުކޫލުން ވެސް ވަނީ އިތުރު 13 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅު މެޗުގެ ނަތީޖާ އެއްވަރުކުރުމަށް އަހުމަދިއްޔާ ސްކޫލަށް ޕެނަލްޓީއެއް ލިބި ވަނީ ބޭނުން މުކުރެވިފައެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 16 ޓީމަކުން ވާދަކޮށްފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.