15 އަހަރުންދަށް ފިރިހެން : އަހުމަދިއްޔާ ކަޓުވާލުމަށްފަހު ޖަމާލުއްދީން ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
12/12/2024, 5:46:11 AM
ޖަމާލުއްދީން އާއި އަހުމަދިއްޔާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުންދަށުގެ ފިރިހެން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 10-8 ގެ ނަތީޖާއަކުން އަހުމަދިއްޔާ ސްކޫލް ބަލިކޮށް ޖަމާލުއްދީން ސްކޫލް މުބާރާތުގެ ފައިނަލުން ޖާގަ ހޯފައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ލަނޑުގެ ލީޑާކާއެކު 5-3 ގެ ނަތީޖާއަކުން ޖަމާލުއްދީން ސްކޫލް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޖަމާލުއްދީން ސްކޫލްގެ ނައުފު ބިން އަބްދުއް ސަމީއު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ނަޒާން ނަޒީފް އަދި މުހައްމަދު އާލް އަޝްރަފް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަކްމަލް ނަސީމް އެވެ.
މީގެ އިތުރުން މިމެޗުގައި އަހުމަދިއްޔާ ސްކޫލްގެ އަހުމަދު ރަޒާން ރަމީޒު އަދި ބިލާލް ބިން އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަބްދުލް ބާއިޝް އިބްރާހިމް ނަޖީބު އަދި އަހުމަދު ލާއިޝް ޝަފީއުއްދީން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލްގެ ނައުފު ބިން އަބްދުއް ސަމީއު އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 14ޓީމަކުން ވާދަކޮށްފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 14ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ