އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެދޮރުވެރިޔާ ސްކީމުގެ ލިޔެކިޔުންތަކަށް އެއްވެސް އަސަރެއް ނުކުރާނެ - މިނިސްޓްރީ
އަހުމަދު ޝުރާއު
12/12/2024, 5:27:15 AM
--
މިއަދު ހެނދުނުން ފެށިގެން ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި ރޯވެ އަނދަމުން އަންނަ އިރު ގެދޮރުވެރިޔާ ސްކީމްގެ ލިޔެކިޔުންތަކަށް މި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީއާއި ކޮސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަރމެންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތްތުގައި އަލިފާން ރޯވެފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު އެތަން ނިންވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެެވެ. އަދި މި ހާދިސާގައި އެމިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައިނުވާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން އެ މިނިސްޓްރީއިން ކުރައްވަމުންގެންދަވާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މަޢުލޫމާތާއި ލިޔެކިއުންތަކަކީ އެ މިނިސްޓްރީގެ ކްލައުންޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތެއްކަމަށްވާތީ، އަލިފާނުގެ ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް އެބަޔާނުގައި މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެންހުރި ކަންކަމާއި ގުޅޭ ގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރައްވަމުންދާ ކަމަށާއި އަދި އިތުރު ތަފްސީލް އާންމުންނަށް ހިއްސާކުރައްވަމުންދާނެ ކަމަށް މިނިސްޓްރީގެ ބަޔާން ނިންމާލަމުން ވަނީ ފާހަކޮށްފައެވެ.
މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ސިފައިންނާއި އެއާޕޯޓުގެ ފަޔާފައިޓަރުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ގޭގެއަށްވެސް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާއިރު ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ވަގުތީ ހިޔާއެއް މިހާރު ސޯޝަލް ސެންޓަރުގައި ވަނީ ގާއިމްކޮށްފައެވެ.