logoEN
Sto top
ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓްރީތައް އަންނަ ހަފްތާގައި ދޫކުރަން ފަށަނީ

ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓްރީތައް އަންނަ ހަފްތާގައި ދޫކުރަން ފަށަނީ

އަހުމަދު ޝުރާއު

logo

7/1/2025, 3:45:10 PM

# ހައުސިންގ މިނިސްޓްރީ

-

ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓްރީތައް އަންނަ ހަފްތާގައި ދޫކުރަން ފަށަން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

Wamco

ހައުސިންގ މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށާއި މި ބަދަލާއި ގުޅިގެން މިނިސްޓްރީގެ އިޢުލާނެއްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 2025 މޭ 30 ވީ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ގުރުނެގުން ބާއްވާފައިވާ ކަމަށެވެ.

އަދި އެބަދަލާއި އެކު ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާޠިލް ކުރެވި އަދި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އުވިގެންގޮސްފައިވާތީ، މިދިޔަ މަހުގެ 2 ވަނަ ދުވަހު އެމިނިސްޓްރީން އިޢުލާނުން ގެޒެޓުގައި ޢާންމުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކަށް އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މިގޮތުން 2025 ޖުލައި 01 ވާ އަންގާރަ ދުވަހު (މިއަދު) ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ހުޅުވާލާ ކަމަށާއި ކޮންމެ ގަޑިއަކަށްވެސް އެޕޮއިންޓްމަންޓްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ފަރާތްތަކަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އަދި 2025 ޖުލައި 07 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރުމަށް ކަނޑައަޅާފައިވާކަންވެސް ވަނީ ހާމަކޮށްފައި އެވެ.

އެޕޮއިންޓްމަންޓްއަށް އެދިލައްވާއިރު އަންނަނިވި ލިޔެކިޔުންތައް "ހިޔާވެހި ޕޯޓަލް" އަށް ހުށަހެޅުމަށް ވަނީ އެމިނިސްޓްރީން އެދިފައި އެވެ.

  • އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ 01 (އެކެއް) ފަރާތުގެ އައިޑީ ކާޑު ކޮޕީ.
  • ގޯތިލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ. (ޕަވަރ އޮފް އެޓަރނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުންނެވެ.)
  • މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
  • މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.

މިގޮތުން، ގޯތި ލިބޭ ފަރާތުން "ހިޔާވެހި ޕޯޓަލް" އިން އެޕޮއިންޓްމަންޓްއަށް އެދި އިޚްތިޔާރުކޮށްފައިވާ ތާރީޚާއި ގަޑިއަށް ރިޢާޔަތްކޮށް، މިނިސްޓްރީއިން އަންގާ ތަނަށް ވަޑައިގަތުމުން އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ޙަވާލުކުރެވޭނެކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 05 (ފަހެއް) މިނެޓް ފަހުން ޙާޟިރުވާ ފަރާތް/ފަރާތްތަށް އެކަމަށް ބޭނުންވާ ލިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްކުރެވިގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ. އެ ޙާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" އާއި ޙަވާލުވުމަށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމުގައިވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside