ވާދަވެރި ކުޅުމަކަށްފަހު އަހުމަދިއްޔާ ބަލިކޮށް ގުރައިދޫ ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
12/12/2024, 3:49:10 AM
ގުރައިދޫ ސްކޫލާއި އަހުމަދިއްޔާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު
މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުންދަށުގެ އަންހެން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 6-7 ގެ ނަތީޖާއަކުން އަހުމަދިއްޔާ ސްކޫލް ބަލިކޮށް ގުރައިދޫ ސްކޫލް މުބާރާތުގެ ފައިނަލުން ޖާގަ ހޯފައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ލަނޑުގެ ލީޑާކާއެކު 5-3 ގެ ނަތީޖާއަކުން އަހުމަދިއްޔާ ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ގުރައިދޫ ސްކޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެެ ގޮތުން ދެވަނަ ހާފުގައި ގުރައިދޫ އިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އަހުމަދިއްޔާ ސްކޫލަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.
އެގޮތުން މިމެޗުގައި ގުރައިދޫ ސްކޫލްގެ ހިންދު އަހުމަދު ސާމިއު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މަރިޔަމް ރީމް ތައުރީޕް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އަހުމަދިއްޔާ ސްކޫލްގެ ކަލްސަމް ކީނާ ނިމާލް އަދި އައިޝަތު އަލްމާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަންޖުމް ޚާލިސް ޝަރީފް އަދި އާޔާ އަހުމަދު ފިރުޝާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުރައިދޫ ސްކޫލްގެ ހިންދު އަހުމަދު ސާމިއު އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގައި ޖުމްލަ 20 ޓީމަކުން ވާދަކޮށްފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ފަސް ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމުގެ އިތުރުން، ފަސް ގުރޫޕުން ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަކުން ވަނީ ފުރުސަތު ލިބިފައެވެ.