ކެލިގްރަފީ ފަންނުވެރިޔާ ނާއީޝްއާއިއެކު އިސްލާމިކް މިނިސްޓްރީން ޚާއްސަ މަސައްކަތްތަކެއް ކުރަނީ
އަހުމަދު ޝުރާއު
12/8/2024, 10:15:50 AM
--
ކީރިތި ޤުރުއާން ލިއުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން އާދަޔާޚިލާފު ފަންނުވެރިކަން ދައްކާލި، ދަރިވަރު ހުސައިން ނާއިޝް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު އެމިނިސްޓްރީގައި އެވެ. ބައްދަލުކުރެއްވުމުގައި ނާއީޝްގެ އަރިހުގައި އޭނާގެ ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައި އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝަހީމްވަނީ ނާއިޝްއާއި އެކު އޭނާގެ ހުނަރު ކުރިއެރުވުމަށާއި ރާއްޖޭގައި ކެލިގްރަފީގެ ހުނަރު ކުރި އެރުވުމަށް ކުރެވިދާނެ މަސައްކްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނާއިޝް އެދުނު ގޮތަށް، އެ ދާއިރާއިން އޭނާއަށް ބޭނުންވާ އިތުރު ހުނަރު ދަސްކޮށް ދިނުމަށް މިނިސްޓްރީ އިން އެހިވާން ނިންމާފައިވާ ކަމަށެވެ.
އަދި ނާއިޝް ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ޙަވާލު ކުރާނެ ކަމަށާއި ރާއްޖޭގައި މި އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓުމަށް ހަމަޖެހިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް ނާއީޝްއަށް ހޯދައިދޭން ނިންމާފައިވާ ކަމަށާއި އަދި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސަން ވެސް ވަނީ ނިންމާފައި އެވެ.
ޝަހީމް ވަނީ އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުޤު ހުރި މިފަދަ ހުރިހައި ކުދިންނަށް މި ފުރުޞަތު އޮންނާނެކަން ވެސް ހާމަކުރައްވާފައި އެވެ.