.jpg&w=3840&q=75)
--
ނައިޖީރިއާގެ މެދުތެރޭގެ ނައިޖާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލައި 27 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ނައިޖާ ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީގެ ތަރުޖަމާނު އިބްރާހިމް އައުޑޫ ވިދާޅުވީ އެގައުމުގެ ކޯގީ ސްޓޭޓުން 200 އެއްހާ ފަސިންޖަރުން ގޮވައިގެން އަވަށްޓެރި ނައިޖާ ސްޓޭޓްގެ ކާބޯތަކެތީގެ މާރުކޭޓަކަށް ދަތުރުކުރަމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ ރޭ ބޯޓު ބަންޑުން ޖަހާލި އިރު ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އެބޯޓުން ގެއްލިފައިވާ ކަމަށެވެ.
ކޮގީ ސްޓޭޓް އިމަޖެންސީ ސާވިސަސްގެ ތަރުޖަމާނު ސަންޑްރާ މޫސާ ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރުގެ ނިޔަލަށް ސަލާމަތްކުރާ ފަރާތްތަކުން ކޯރުން 27 މީހެއްގެ ހަށިގަނޑު ނެގިއިރު، ގެއްލުނު ފަސިންޖަރުން ހޯދުމުގެ މަސައްކަތް ލޯކަލް ޑައިވަރުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށް ވެސް ސަންޑްރާ ވިދާޅުވި އެވެ.
ނައިޖީރިއާގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީގެ އޮޕަރޭޝަންތައް ހިންގެވުމާ ހަވާލުވެ ހުންނެވި ޖަސްޓިން އުވަޒުރުއޮންޔޭ ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ސަރަހައްދު ހޯދުމުގައި އެތައް ގަޑިއިރެއް ވަންދެން ސަލާމަތްކުރާ މީހުންނަށް ދަތިތަކެއް ކުރިމަތިވި އެވެ.
ކޮގީ ސްޓޭޓްގެ ގަވަރުނަރު އަހުމަދު އުސްމާން އޮޑޯޑޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ވިޔަފާރިވެރިންނާއި ފަންނާނުން ކަމަށެވެ.