އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތް ހުއްޓާލައިފި
އަހުމަދު ޝުރާއު
11/28/2024, 1:06:19 PM
--
އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.
އެސްޓީއޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ފެނަކަ، އެސްޓިއޯޯގެ ދަށަށް ބަދަލު ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް، މި މަހުގެ 24 ވަނަ ދުވަހު މާލީ ވުޒާރާއިން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އަދި އެ ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ކުރިއަަށް ގެންގޮސްފައިވާ މިންވަރަށް ބަލައި، އެސްޓީއޯއިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައި އެވެ.
ނަމަމެސް ފިނޭންސް މިނިސްޓްރީން މިފަދައިން އެންގި ސަބަބެއް އެސްޓީއޯއިން ހާމަކޮށްފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީން މިފަދައިން އެންގި އިރު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ގަނެ ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ ލަފާފުޅާ އެކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައި އެވެ. ރައީސް އޮފީހުން އޭރު ބުނިގޮތުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން މި ނިންމެވުން ރައީސް ނިންމެވީ ޔުޓިލިޓީ ސެކްޓާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކާ ކަމަށެވެ.
މި ނިންމުމާއި އެކު އަންނަ އަހަރުގެ ނިޔަލަށް ފެނަކައަކީ އެސްޓީއޯގެ ސަބްސިޑިއަރީއަކަށް ހެދުމުގެ މަސައްކަތް ދެ ކުންފުނި ގުޅިގެން ފެށި އެވެ. އެހެން ނަމަވެސް އިއްޔެ ފާސްކުރި 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މި ނިންމުން ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމުގެ އިޝާރާތެއް ވަނީ ދީފައި އެވެ. އެގޮތުން ބަޖެޓު ފޮތުގައި ބުނެފައިވާ ގޮތުން ނަމަށް ސަރުކާރު ހިއްސާ ވާ ކުންފުނިތައް ރިފޯމުކުރުމަށްޓަކައި ރާވާފައިވާ ކަންކަމުގެ ތެރޭގައި އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމުގެ ބަދަލުގައި ފެނަކަ އާއި ސްޓެލްކޯއާ އެއްކޮށްލުން ފަދަ، އެހެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައިވެ އެވެ.
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ސަރުކާރުން އޭރު ނިންމި އިރު އެސްޓީއޯޢަކީ ފެނަކައިން އެންމެ ބޮޑު އަދަދެއްގެ ދަރަންޏެއް އަދާކުރަން ޖެހިފައި އޮތް ކުންފުންޏެވެ.