ވާދަވެރި ކުޅުމަކަށްފަހު އޮޑި ބަލިކޮށް ތުޅާދޫ އިން ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
11/21/2024, 5:39:26 PM
ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ކުލަބު (ޓީވައިއީއެސްސީ) ގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ... ފޮޓޯ: ގަފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 16-18 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ކުލަބު (ޓީވައިއީއެސްސީ) އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
އޮޑި މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެފުރަތަމަ މެޗުގައި 25-14 ނަތީޖާއަކުން ސޯލްޓީޒް ބަލިކުރުމަށްފަހު އެވެ.އަދި ޓީވައިއީއެސްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 23-28 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޓީވައިއީއެސްސީ މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 9-4 ގެ ނަތީޖާއަކުން ޓީވައިއީއެސްސީ ކުރީގައި އޮވެގެންނެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އޮޑިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުފައި އެޓީމުން އިތުރު 12 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓީވައިއީއެސްސީއަށް ކާމިޔާބުކުރެވުނީ ނުވަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީވައިއީއެސްސީގެ ކީޕަރު އިބްރާހިމް ނާއިފް އެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ވަނީ ކުއާޓާ ފައިނަލަށް ހޮވިފައެވެ.