ފަސޭހަކަމާއެކު އިސްލޭނޯ ބަލިކޮށް ޒެފްރޯލް ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
11/21/2024, 4:23:05 PM
އިސްލޭނޯ އާއި ޒެފްރޯލް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ފައިނަލް މެޗުގައި އިސްލޭނޯ ސްޕޯޓްސް ކުލަބާއި ޒެފްރޯލް ވާދަކުރި މެޗު ފަސޭހަކަމާއެކު 19-9 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒެފްރޯލުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ޒެފްރޯލް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި 22-15 ގެ ނަތީޖާއަކުން ހުޅުމާލޭ ޔޫތް ކުލަބު (އެޗްވައިސީ) ބަލިކުރުމަށްފަހު އެވެ. އަދި އިސްލޭނޯ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 14-11 ގެ ނަތީޖާއަކުން ހިޔާ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 7-4 ގެ ނަތީޖާއަކުން ޒެފްރޯލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޒެފްރޯލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން އިތުރު 12 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އިސްލޭނޯއަށް ކާމިޔާބުކުރެވުނީ އެންނެ ފަސް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފްރޯލްގެ ކީޕަރު އައިޝަތު ވިރާޝާ އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުގެ އިތުރުން، ހަ ގުރޫޕްގެ ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.