ވާދަވެރި ކުޅުމަކަށްފަހު ފިއުޗާ އެސްސީ ބަލިކޮށް ޖީބީ ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
11/20/2024, 5:00:26 PM
ޖީބީ އާއި ފިއުޗާ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަން ފައިނަލްގައި މިރޭ ޖީބީ ސްޕޯޓްސް ކުލަބާއި ފިއުޗާ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 34-35 ގެނަތީޖާއަކުން މޮޅުވެ ޖީބީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ޖީބީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފިއުޗާ ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މީގެ އިތުރުން ލީގު ބުރުގައި މިދެޓީމު ކުޅުނު ފުރަތަމަ މެޗު 32-35 ގެ ނަތީޖާއަކުން ފިއުޗާ ކާމިޔާބުކުރި ނަމަވެސް، ދެވަނަ މެޗު 35-31 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖީބީ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑުގެ ލީޑަކާއެކު 16-20 ގެ ނަތީޖާއަކުން ޖީބީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ފިއުޗާ އިން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން އިތުރު 18 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޖީބީއަށް ކާމިޔާބުކުރެވުނީ 15 ލަނޑެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ތިން ޓީމު މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.