"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024" ގެ ގުރުލުން ބާއްވައިފި
ހަސަން ޝަމްއޫން
11/19/2024, 12:31:44 AM
"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024" ގެ ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ފޮޓޯ މޯލްޑިވްސް
ހަވަރު ސްޕޯޓްސް އިން އިންތިޒާމްކޮށް މިމަހު 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024" ގެ ގުރުލުން ރޭ ބާއްވައިފިއެވެ.
ތިނަދޫ ސިޓީ އާބާދީ މަރުކަޒުގެ ހޯލުގައި ބޭއްވެ ގުރުލުމުގެ ރަސްމިޔާތުގައި ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީގެ އިތުރުން ސިޓީ ކައުންސިލްގެ މެންބަރުންނާއި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުންނާއި ޓީމުތަކުގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ހަވަރު ސްޕޯޓްސް އިން އިންތިޒާމުކޮށް މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
ޗެންޕިއަން ޓީމަށް 50000 އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކި ތިނަދޫ ސިޓީ ކައުންސިލް އެވެ. އަދި އެސޯސިއޭޓެޑް ޕާޓްނާއެއްގެ ގޮތުގައި އިވެންޓްކާސް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ފޮޓޯ ގްރަފީ ޕާޓްނަރަކީ ފޮޓޯ މޯލްޑިވްސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ހަތްތަރި ކެފޭ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.