ޒެމްބިއާ މުބާރާތުގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ނަބާހާ އާއި ނަބީހާގެ ޕެއާ ރަންމެޑަލް ހޯދައިފި
ހަސަން ޝަމްއޫން
11/17/2024, 1:55:07 PM
ނަބީހާ އަދި ނަބާހާ... ފޮޓޯ: ރިވައިވަލް ސްޕޯޓްސް
ޒެމްބިއާ އިންޓަނޭޝަނަލް 2024 ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބާ އެކު، މުބާރާތުގައި ވާދަކުރަމުން އަންނަ ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އިން ރަން މެޑަލް ހޯދައިފި އެވެ.
މިއަދު ކުޅުނު ފައިނަލުގައި ނަބާ އަދި ނަބީގެ ޕެއާ ކުޅެފައިވަނީ ސްރީ ލަންކާގެ ހަސީނީ އަމްބަލަންގޮޑަގޭ އާއި ހަސާރާ ވިޖަރަޔަތުނޭގެ ޕެއާއި ދެކޮޅަށެވެ. އަދި މިމެޗު ނަބާ އާއި ނަބީގެ ޕެއާ ކާމިޔާބުކުރީ، 21-16, 21-19 ގެ ނަތީޖާއަކުންނެވެ.
މިއީ، 2019 ވަނަ އަހަރުގެ ފަހުން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ލެވަލްގެ މުބާރާތަކުން ދިވެހި ކުޅުންތެރިން ހޯދި ތިން ވަނަ ރަން މެޑަލް އެެވެ. އަދި މީގެ ކުރިން ރަން މެޑަލް ހޯދާފައިވަނީ މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާގެ އިތުރުން އަންހެން ޑަބަލްސް އިވެންޓުގައި ނަބާ އާއި ނަބީގެ ޕެއާ އެެވެ.
އެހެންކަމުން، މިއީ ނަބާ އާއި ނަބީގެ ޕެއާ އިން ބީޑަބްލިއުއެފް ލެވަލްގެ މުބާރާތަކުން ރަން މެޑަލް ހޯދި ދެވަނަ ފަހަރެވެ. އަދި ނަބާ އާއި ނަބީ ވަނީ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޑަބަލްސް އިން ވެސް ރަން މެޑަލް ހޯދައިފަ އެވެ.
ޒެމްބިއާގެ މުބާރާތުގެ މި ކާމިޔާބީއާ އެކު، މިހާތަނަށް، ނަބާ އާއި ނަބީގެ ޕެއާ އިން ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގެ ޑަބަލްސް އިވެންޓުން، ތިން ރަން މެޑަލާއި، ތިން ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.