ބެލިންހަމްގެ މޮޅު ކުޅުމާއެކު އަޔަލޭންޑް އަތުން އިންގްލޭންޑަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
11/17/2024, 10:24:59 PM
ޖުޑް ބެލިންގްހަމް އަޔަލޭންޑާއި ދެކޮޅަށް ކުޅެނީ..
ޔުއެފާ ނެޝަނަލް ލީގު ދެވަނަ ޑިވިޝަން ގުރޫޕް ދޭއްގައި މިރޭ އަމިއްލަ ދަނޑުގައި 5-0 ގެ ނަތީޖާއަކުން އަޔަލެންޑް އަތުން މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނެޝަނަލް ލީގުގެ ފުރަތަމަ ޑިވިޝަންގެ ޖާގައެއް އިންގްލެންޑުން ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި އިންގްލެންޑް އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ގްރީސް އަތުން މޮލުވެފައިވާއިރު، އަޔަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ފިންލޭންޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންގްލޭންޑް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިންގްލޭޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މެޗުގެ އޮއެވަރު ބަދަލުވެގެންދިޔައީ ދެވަނަ ފެށިގެން ހަވަނަ މިނެޓުގައި އަޔަލޭންޑްގެ ޑިފެންޑަރު ލިއާމް ސްކޭލްސް އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އެނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މީއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިފައުލާއި ގުޅިގެން ރެފްރީ އިންގްލޭންޑަށް ޕެނަލްޓީއެއް ދިން އިރު، މި ޕެނަލްޓީ ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ހެރީ ކޭން އެވެ. އަދި އަޔަލޭންޑުން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މިހާފުގައި އިންގްލޭންޑުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުަގައި އެޓީމުގެ އެންޓޮނީ ގޯޑެން، ޖެރާޑް ބޮއެން، ކޯނޯ ގަލެގާ އަދި ޒުވާން ޑިފެންޑަރު ޓެއިލާ ހާވުޑް ބެލީސް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ރެއާލް މެޑްރިޑް މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އެނާ ވަނީ މިމެޗުގައި އެޓީމަށް ޕެނަލްޓީއެއް ހޯދައިދިނުމުގެ އިތުރުން އިތުރު ދެލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން އިންގްލޭންޑަށް 15 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަޔަލެންޑް ކުޅުނު ހަ މެޗުން ލިބުނު ހަ ޕޮއިިންޓާއެކު އެޓީމު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ.