ފްލެޓް ލިސްޓު އާއްމުކުރުން އަނެއްކާވެސް ފަސްކޮށްފި
މުޙައްމަދު މުއައްވަޒު
11/16/2024, 9:52:23 AM
-
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓާ ގުޅޭ މައްސަލަތައް ބެލުމަށް އިތުރު ވަގުތު ބޭނުންވާތީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކުރުން އަނެއްކާވެސް ފަސްކުރުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު މި ހަފްތާގައި އާއްމުކުރާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތް ނިމުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ފްލެޓް ލިސްޓު އާއްމުކުރާނެ ސީދާ ތާރީހެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކުރީ ދައުރު ނިމެން ގާތްވެފައި ވަނިކޮށެވެ. ނަމަވެސް އެ ލިސްޓާ ގުޅިގެން ގިނަބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމުން, އެ ކޮމިޝަނުން ވަނީ ފްލެޓް ހަވާލުކުރުން މަޑު ޖައްސާލުމަށް އޭރުގެ ސަރުކާރަށް އަންގާފައެވެ.
މި ލިސްޓާ ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އާއްމުކުރު މައުލޫމާތަށް ބަލާއިރު, 4000ފްލެޓްގެ ލިސްޓަށް ހޮވުނު މީހުންގެ ތެރެއިން %59.6 މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އަދި %20.7 ފޯމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް އޭސީސީގެ ތަހުގީގުން އެނގިފައިވެއެވެ. ފްލެޓްގެ ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން އާއްމުކުރުމަށް އޭސީސީން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް އެންގީ މިއަހަރުގެ ފެބްރުއަރީމަހުގައެވެ.