ގްރީސް އަތުން މޮޅުވެ އިންގްލޭންޑް ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފި
ހަސަން ޝަމްއޫން
11/14/2024, 11:53:47 PM
އިންގްލޭންޑާއި ގްރީސް ވާދަކުރި މެޗުގެ ތެރެއިން
ޔުއެފާ ނެޝަނަލް ލީގް ދެވަނަ ޑިވިޝަން ގުރޫޕް ދޭއްގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ގްރީސް،އަތުން މޮޅުވެ، އިންގްލޭންޑުން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.
ޔުއެފާ ނެޝަނަލް ލީގައި އިންގްލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި ފިންލޭންޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ގްރީސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުބް އަޔަލޭންޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގްރީސް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އިންގްލޭންޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެސްޓަންވިލާގެ ފޯވާޑް އޮލީ ވަޓްކިންސް އެވެ. މިއީ ޗެލްސީގެ ފޯވާޑް ނޯނީ މަޑުއެކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ވަނަ ހާފުގައި އިންގްލޭންޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓިމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ފަހުހާފުގެ 78 ވަނަ މިނެޓުގައި ބެލިންގްހަމް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން، އުޅުމުގެ ތެރޭގައި ގްރީސްގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓްފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލިވަޕޫލް މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ،3-0 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން މިދެޓީމަށް ވެސް 12 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އިންގްލޭންޑް އެއްވަނައިގައި އޮތް އިރު، ގްރީސް މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު، ގުރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށް ޔުއެފާ ނެޝަނަލް ލީގު ފުރަތަމަ ޑިވިޝަނުން ޖާގައެއް ކަށަވަރުވާއިރު، ދެވަނައަށްދާ ޓީމަށް ޖެހޭނީ ފުރަތަމަ ޑިވިޝަންގެ ރެލިގޭޝަންގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ގުރޫޕްގެ ތިންވަނަ ހޯދާ ޓީމު ތިންވަނަ ޑިވިޝަން ރެލިގޭޝަންގައި ވާދަކުރަން ޖެހޭއިރު، ގުރޫޕްގެ ފުލައްދާ ޓީމެއް ތިންވަނަ ޑިވިޝަނަށް ރެލިގޭޓްވާނެއެވެ.