އައްޒާމުގެ ނުވަ ލަނޑާއެކު ބުރު އެސްސީ ކަޓުވާލުމަށްފަހު ތުޅާދޫ ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
11/13/2024, 4:38:38 PM
ޓީވައިއީއެސްސީ އާއި ބުރު ވާދަކުރި ނެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ސެމީފައިނަލް ފުރަތަމަ މެޗުގައި ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ކުލަބު (ޓީވައިއީއެސްސީ) އާއި ބުރު ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 23-28 ގެ ނަތީޖާއަކުން މޮޅުވެ ޓީވައިއީއެސްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ބުރު މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި 27-11 ގެ ނަތީޖާއަކުން ލަކީ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ. އަދި ޓީވައިއީއެސްސީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި 8-31 ގެ ނަތީޖާއަކުން ކީން ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓިމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއްލަނޑުގެ ލީޑަކާއެކު 13-14 ގެ ނަތީޖާއަކުން ޓީވައިއީއެސްސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ޓީވައިއީއެސްސީ އިން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު މިހާފުގައި ބުރުން ވެސް ވަނީ އިތުރު 10 ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޓީވައިއީއެސްސީގެ އަބްދުﷲ އައްޒާމް ޝަފީގް ނުވަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިސްމާއިލް ޒައިދު ހަތް ލަނޑު އަދި އަހުމަދު ރާޒިން ރިޔާޒް ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަމްސަލް މުހައްމަދު، އަލީ އަމީޒް އަދި ޖިނާހު ހާރޫން މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޖައިލަމް އެވެ.
މީގެ އިތުރުން މިމެޗުގައި ބުރުގެ މުހައްމަދު ޝައިހާން އިބްރާހިމް ނުވަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު އަބްދުއްސައްތާރު ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހުސެއިން އަބްދުލް މަޖީދު އަދި އިސްމާއިލް އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ނައުފަލް އަހުމަދު އަދި މުހައްމަދު އަސްލަމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީވައިއީއެސްސީގެ އަބްދުﷲ އައްޒާމް ޝަފީގް އެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ވަނީ ކުއާޓާ ފައިނަލަށް ހޮވިފައެވެ.