ޒެފްރޯލް އަތުން ބަލިވެ އެޗްވައިސީ މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
11/13/2024, 5:30:13 PM
ޒެފްރޯލް އާއި އެޗްވައިސީ ވާދަކުރި މެޗުގެ ތެރެއިން ... ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ސެމީފައިނަލް ފުރަތަމަ މެޗުގައި 15-22 ގެ ނަތީޖާއަކުން ޒެފްރޯލް އަތުން ބަލިވެ ހުޅުމާލޭ ޔޫތް ކުލަބު (އެޗްވައިސީ) މުބާރާތުން ކަޓައިފިއެވެ.
އެޗްވައިސީ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 12-27 ގެ ނަތީޖާއަކުން އެލްކިޔު ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ. އަދި ޒެފްރޯލް ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 26-17 ގެ ނަތީޖާއަކުން ވެސްޓް އެންޑް ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޒެފްރޯލް އިން މެޗު ޑޮމިނޭޓްކުރިއިރު. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތް ލަނޑުގެ ލީޑަކާއެކު 12-5 ގެ ނަތީޖާއަކުން ޒެފްރޯލް ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފުގައި އެޗްވައިސީ އިން އެޓިމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު 10 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފްރޯލްގެ ފާތުމަތު ލީމް ބިންތު ޔާސިރު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް އަށް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުގެ އިތުރުން، ހަ ގުރޫޕްގެ ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ..