ވާދަވެރި ކުޅުމަކަށްފަހު ގެލަކްޓިކޯ ބަލިކޮށް ސެމީގެ ފަހުޖާގަ ހިޔާ އިން ހޯދައިފި
ހަސަން ޝަމްއޫން
11/12/2024, 6:30:02 PM
ގެލަކްޓިކޯސް އާއި ހިޔާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / މާއިޝް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި މިރޭ ހިޔާ ސްޕޯޓްސް ކުލަބާއި ގެލަކްޓިކޯ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 13-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ހިޔާ ޖާގަ ހޯދައިފިއެވެ.
ހިޔާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ގުރޫޕް ހައެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ގެލަކްޓިކޯ ގުރޫޕް ހައެއްގެ ދެވަނަ ހޯދިއިރު އެޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނީ މުބާރާތުގައި ކުޅުނު ހަ ގުރޫޕުން ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު 9-10 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހިޔާ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 8-6 ގެ ނަތީޖައަކުން ހިޔާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.
އެގޮތުން ދެވަނަ ހާފުގައި ގެލަކްޓިކޯ އިން އިތުރު ހަތް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ހިޔާއަށް ކާމިޔާބުކުރެވުނީ ހަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިޔާގެ ގޯލު ކީޕަރު ކުލްސޫމް ޚާލިދުއެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ..