ތަފާތުބޮޑު ނަތީޖާއަކުން ލަކީ ބަލިކޮށް ބުރު ސެމީ ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
11/11/2024, 6:08:27 PM
ލަކީ އާއި ބުރު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބާއި ލަކީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 27-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބުރު މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ބުރު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް ތިނެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ލަކީ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް އެކެއްގެ ދެވަނަ ޓީމުގެގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބުރުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 12-6 ގެ ނަތީޖާއަކުން ބުރު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ލަކީއަށް ކާމިޔާބުކުރެވުނީ ފަސް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރުގެ އިސްމާއިލް އަހުމަދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ވަނީ ކުއާޓާ ފައިނަލަށް ހޮވިފައެވެ.