ފަސޭހަކަމާއެކު ކީން ބަލިކޮށް ސެމީގެ ފަހު ޖާގަ ތުޅާދޫއަށް
ހަސަން ޝަމްއޫން
11/11/2024, 6:30:34 PM
ޓީވައިއީއެސް އާއި ކީން ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި ކީން ސްޕޯޓްސް ކުލަބާއި ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ކުލަބު (ޓީވައިއީއެސް) ވާދަކުރި މެޗު ފަސޭހަކަމާއެކު 8-31 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ތުޅާދޫ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޓީވައިއީއެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް ހަތަރެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކީން ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މުޅި މެޗުގައި ވެސް ތުޅާދޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 12 ލަނޑުގެ ލީޑަކާއެކު 13-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ތުޅާދޫ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 18 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ކީންއަށް ކާމިޔާބުކުރެވުނީ ހަތް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުނެތެރިއަކަށް ހޮވުނީ އަބްދުﷲ އައްޒާމް ޝަފީގް އެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ވަނީ ކުއާޓާ ފައިނަލަށް ހޮވިފައެވެ.