ވެޓަރަންސް ކަޓުވާލުމަށްފަހު ސޯލްޓީޒް އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ހަސަން ޝަމްއޫން
11/11/2024, 4:30:26 PM
ސޯލްޓީޒް އާއި ވެޓަރަންސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ސަޖާތު
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ހޭންޑްބޯޅަ ވެޓަރަންސް ކުލަބައި ސޯލްޓީޒް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 20-28 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ސޯލްޓީޒް ޖާގައެއް ކަށަވަރުކޮށްފިއެވެ.
ވެޓަރަންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ސޯލްޓީޒް ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ހަތަރެއްގެ ދެވަނަ ޓީމުގެގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ސޯލްޓީޒް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 14-8 ގެ ނަތީޖާއަކުން ސޯލްޓީޒް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވެޓަރަންސް އިން ވަނީ އިތުރު 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޯލްޓީޒްގެ އިސްމާއިލް ޝަރީފް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ވަނީ ކުއާޓާ ފައިނަލަށް ހޮވިފައެވެ.