ވާދަވެރި ކުޅުމަކަށްފަހު ވަކަންޑާ ބަލިކޮށް އޮޑި ސެމީފައިނަލުން ޖާގަހޯދައިފި
ހަސަން ޝަމްއޫން
11/11/2024, 3:30:32 PM
އޮޑި އާއީ ވަކަންޑާ ވާދަކުރި މެޗުގެ ތެރެއިން.... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބައި ވަކަންޑާ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 25-19 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮޑިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
އޮޑި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ވަކަންޑާ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ތިނެއްގެ ދެވަނަ ޓީމުގެގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުނަ ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއްލަނޑުގެ ލީޑަކާއެކު 10-11 ގެ ނަތީޖާއަކުން އޮޑި ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވަކަންޑާ އިން ވެސް ވަނީ އިތުރު ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޑި ސްޕޯޓްސް ކުލަބުގެ ލަހުފާން އަހުމަދު ޝަމީމއ އެވެ. އޭނާ ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން އެޓީމަށް އަށް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ވަނީ ކުއާޓާ ފައިނަލަށް ހޮވިފައެވެ.