4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އަންނަ ހަފްތާގައި އިއުލާނުކުރަނީ
އަހުމަދު ޝުރާއު
11/10/2024, 8:56:59 AM
--
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އަންނަ ހަފްތާގައި އިއުލާނުކުރުމަށް ހައުސިންގ މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.
މިކަން ހާމަކުރައްވައި ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ހައުސިންގ މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވީ 4،000 ފްލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4،000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރާނޭ ކަމަށެވެ.
އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަން ފާހަގަކުރައްވައި ހައިދަރު ވިދާޅުވީ ވަގުތީ ލިސްްޓަށް ޝަކުވާތައް ބަލައިގަނެ ކުރަން ހުރި މަސައްކަތްތައް ފުރިހަމަކޮށް މިއަހަރު ތެރޭގައި ފުލެޓްތައް ހަވާލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މި މަޝްރޫއުގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓެއް ވެރިކަމުގެ ފަހުކޮޅު ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރުމާއި އެކު އޭސީސީއިން މައްސަލައިގެ ތެރެއަށް ވަދެ ފްލެޓު ދިނުން ހުއްޓުވިއެވެ. އަދި އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައިގެ ބޮޑު ތަހުގީގެއް ފެށިއެވެ.
ފްލެޓް ލިސްޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި ގިނަ އަދަދެއްގެ ޝަކުވާތައް ވެސް ބަލައި، ހިންގި ތަހުގީގަކަށް ފަހު، ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އާ ކޮމިޓީއެއް ހަދައި، މި ސަރުކާރުން ލިސްޓު މުރާޖައާ ކުރަން ފެށީ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމުންނެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެންނެވެ. މިއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.