ފައިނަލުގެ ދެވަނަ ޖާގަ ރެޑްހޯކްސް ހޯދިއިރު ޕޮއިންޓެއް ނުލިބި އެސްޖީސީ، މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
11/8/2024, 3:45:12 PM
ރެޑްހޯކްސް އާއި އެސްޖީސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ
ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ސުޕްރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އާއި ރެޑްހޯކްސް ކުޅުނު މެޗު 36-22 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ރެޑްހޯކްސް އިން ހޯދައިފިއެވެ.
މުބާރާތުގައި މިދެޓީމު ކުޅުނު ފުރަތަމަ މެޗު 35-21 ގެ ނަތީޖާއަކުން ކާމިޔާބުކުރި ރެޑްހޯކްސް އެވެ. އަދި ރެޑްހޯކްސްގެ ދެވަނަ މެޗުގައި 17-20 ގެ ނަތީޖާއަކުން އޮރިކްސް އަތުން ބަލިވި ނަމަވެސް، އޮރިކްސް އާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗު 30-24 ގެ ނަތީޖާއަކުން އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެސްޖީސީ އިން އޮރިކްސް އާއި ދެކޮޅަށް ކުޅުނު ދެމެޗުން އެޓީމު ބަލިވެފައިވާއިރު، ފުރަތަމަ މެޗު 15-37 ގެ ނަތީޖާއަކުން އޮރިކްސް މޮޅުވިއިރު، ދެވަނަ މެޗުން އެޓީމުން ކާމިޔާބުކުރީ 14-33 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑުގެ ލީޑަކާއެކު 14-18 ގެ ނަތީޖާއަކުން ރެޑްހޯކްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 18 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެސްޖީސީއަށް ކާމިޔާބުކުރެވުނީ އަށް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސްގެ ޔަސްފާ އާދަމް އެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ރެޑްހޯކްސް ފައިނަލުން ޖާގަހޯދިއިރު، މިމެޗުން ބަލިވި އެސްޖީސީ އިން މުބާރާތް ނިންމާލީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.
މިއަހަރުގެ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރި ވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.