ފިއުޗާ އަތުން މޮޅުވެ، ޖީބީ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
ހަސަން ޝަމްއޫން
11/7/2024, 3:45:26 PM
ޖީބީ އާއި ފިއުޗާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި ޖީބީ އާއި ފިއުޗާ ސްޕޯޓްސް އެކަޑަކީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 35-31 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖީބީ އިން ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި މިދެޓީމު ކުޅުނު ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށްފަހު 35-32 ގެ ނަތީޖާއަކުން ފިއުޗާ ކާމިޔާބުކުރިއިރު، ފިއުޗާ އިން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 34-22 އަދި ދެވަނަ މެޗު 44-30 ގެ ނަތީޖާއަކުން އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން ޖީބީގެ ދެވަނަ މެޗުގައި އެޓީމުން ވަނީ 45-25 ގެ ނަތީޖާއަކުން ޑީއެސްސީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔަޢީ ތިން ލަނޑުގެ ލީޑަކާއެކު 17-14 ގެ ނަތީޖާއަކުން ޖީބީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 18 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިއުޗާ އިން ވެސް ވަނީ އިތުރު 17 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީބީގެ އަބްދުﷲ ނާޖީ އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ޖީބީ ފައިނަލުން ޖާގަހޯދިއިރު، މިމެޗުން ބަލިވި ފިއުޗާ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމުން ވެސް ވަނީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ތިން ޓީމު މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ