ކީންސް ކުއާޓާ ފައިނަލް ޔަގީންކުރިއިރު، ޒެނިތް މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
11/6/2024, 5:36:56 PM
ކީންސް ސްޕޯޓްސް ކުލަބާއި ޒެނިތު ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: މާއު ގުރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ދޭއްގައި މިރޭ ކީން ސްޕޯޓްސް ކުލަބާއި ޒެނިތު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 14-21 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކީން އިން ކުއާޓާ ފައިނަލް ޔަގީންކުރިއިރު، ޒެނިތު މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގައި ކީން ކުޅުނު ފުރަތަމަ މެޗުގައި ހޭންޑްބޯޅަ ވެޓަރަންސް ކުލަބު އަތުން 11-20 ގެ ނަތީޖާއަކުން ބަލިވި، ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 24-5 ގެ ނަތީޖާއަކުން ރޫކީސް ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. އަދި ޒެނިތްގެ ފުރަތަމަ މެޗުގައި ރޫކީސް އަތުން 17-10 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ވެޓަރަންސް އަތުން 15-17 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުުން ނިމިގެންދިޔައީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 10-5 ގެ ނަތީޖާއަކުން ކީން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޒެނިތަށް ކާމިޔާބުކުރެވުނީ ނުވަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކީން ސްޕޯޓްސް ކުލަބުގެ އަލީ ނާއިޒް އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ކީން ސްޕޯޓްސް ކުލަބަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޒެނިތު ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 16ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.