ވާދަވެރި ކުޅުމަކަށްފަހު އޮސްޕްރޭ ބަލިކޮށް ލަކީ އިން ގުރޫޕްގެ ދެވަނައަށް ކުރިއަށްޖެހިލައިފި
ހަސަން ޝަމްއޫން
11/6/2024, 2:37:08 PM
ލަކީ އާއި އޮސްޕްރޭ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް އެކެއްގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 10-15 ގެ ނަތީޖާއަކުން އޮސްޕްރޭ ސްޕޯޓްސް އެކަޑަމީ ބަލިކޮށް ލަކީ ސްޕޯޓްސް ކުލަބުން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި ލަކީ ކުޅުނު ފުރަތަމަ މެޗުގައި އޮޑިސްޕޯޓްސް ކުލަބު އަތުން 18-11 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި އެޓީމުން ވަނީ 12-13 ގެ ނަތީޖާއަކުން ޓިރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) ބަލިކޮށްފައެވެ. އަދި އޮސްޕްރޭގެ ފުރަތަމަ މެޗުގައި ޓީއެސްއޭ އަތުން 12-13 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 8-37 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓިމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-5 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ލަކީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން އިތުރު 10 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އޮސްޕްރޭއަށް ކާމިޔާބުކުރެވުނީ އިތުރު ފަސް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލަކީ ސްޕޯޓްސް ކުލަބުގެ ގޯލުކީޕަރު ސަނާއު ރަޝީދު އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ލަކީ ސްޕޯޓްސް ކުލަބަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮސްޕްރޭ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 16ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.